Jump to content

ވިލިއަމް، ޕްރިންސް އޮފް ވޭލްސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ވިލިއަމް، ޕްރިންސް އޮފް ވޭލްސް

ވިލިއަމް، ޕްރިންސް އޮފް ވޭލްސް (ވިލިއަމް އާރތް ފިލިޕް ލޫއީ؛ އުފަންވީ 21 ޖޫން 1982) އަކީ އިނގިރޭސި ތަޚުތުގެ ވާރިސެކެވެ. އޭނާ އަކީ ޗާލްސް ތިންވަނަ ރަސްގެފާނާއި ޕްރިންސެސް ޑަޔާނާގެ ދޮށީ ދަރިކަލުންނެވެ.

ވިލިއަމް އުފަންވެވަޑައިގަތީ އޭނާގެ ބައްޕަގެ ފަރާތުން މާމަ، ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމުގަ އެވެ. އޭނާ ތައުލީމު ޙާސިލް ކުރެއްވީ ވެދަރބީ ސްކޫލާއި ލުޑްގްރޯވް ސްކޫލާއި އީޓަން ކޮލެޖުންނެވެ. ޔުނިވާސިޓީ އޮފް ސެއިންޓް އެންޑްރޫސް އިން ޖިއޮގްރަފީގެ ދާއިރާއިން މާސްޓާ އޮފް އާޓްސް ޑިގްރީ ހާސިލް ކުރެއްވުމުން ގެންދަނިކޮށް އޭނާގެ ޙަޔާތުގެ ބައިވެރިޔާ ކެތަރިން މިޑިލްޓަންއާ ބައްދަލުވި އެވެ. އެދެ ބޭކަނބަލުން 2011 އަހަރު ޒަވާޖީ ޙަޔާތް ފެށުމަށްފަހު، ތިން ކުދިން ކަމަށްވާ ޖޯޖް، ޝާލޮޓް އަދި ލޫއީ ލިބުނެވެ. ޔުނިވާސިޓީއަށް ފަހު ވިލިއަމް ވަނީ ބްލޫސް އާއި ޝާހީއާއިލާ އަށް ޚިދުމަތް ކުރެއްވުމުގެ ކުރިން ޝާހީ މިލިޓަރީ އެކަޑަމީ ސެންޑްހަރސްޓްގައި ތަމްރީނު ހޯއްދަވާފަ އެވެ. 2008 ވަނަ އަހަރު ރޯޔަލް އެއާފޯސް ކޮލެޖް ކްރެންވެލް އިން ޑިގްރީ ހާސިލް ކުރައްވައި، 2009 ވަނަ އަހަރުގެ ކުރީކޮޅު އާރްއޭއެފް ސަރޗް އެންޑް ރެސްކިއު ފޯސްއާ ގުޅުއްވި އިރު، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އީސްޓް އެންގްލިއަން އެއާ އެމްބިއުލާންސްގައި ދެ އަހަރު ފުލްޓައިމް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ވިލިއަމް ރަސްމީ ވާޖިބުތައް އަދާކުރައްވަނީ ރަސްގެފާނުގެ ފަރާތުންނެވެ. އޭނާ އަކީ ޓާސްކް ޓްރަސްޓް، ސެންޓަރޕޮއިންޓް، ދަ ޕެސޭޖް، ވޭލްސް އެއާ އެމްބިއުލާންސް އަދި ލަންޑަންގެ އެއާ އެމްބިއުލާންސް ޗެރިޓީ ފަދަ 30 އަށް ވުރެ ގިނަ ޗެރިޓަބަލް އަދި އަސްކަރީ ޖަމިއްޔާތަކުގެ ޕެޓްރޯނޭޖް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ރޯޔަލް ފައުންޑޭޝަން މެދުވެރިކޮށް ޕްރޮޖެކްޓްތައް ކުރިއަށް ގެންދާއިރު، އޭނާގެ ޗެރިޓީ މަސައްކަތްތައް އެނބުރެނީ ނަފްސާނީ ސިއްހަތާއި، ކޮންޒަވޭޝަން، ގެދޮރު ނެތް މީހުންނާއި، ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންގެ މައްޗަށެވެ. 2020 ވަނަ އަހަރު ވިލިއަމް ވަނީ ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ތިމާވެށީގެ ހައްލުތަކަށް ބާރުއެޅުމަށް 50 މިލިއަން ޕައުންޑްގެ އާރތްޝޮޓް ޕްރައިޒް ތައާރަފްކޮށްފަ އެވެ.

2011 ވަނަ އަހަރުގެ އޭޕްރީލް މަހު ކައިވެނީގެ ވަގުތުން ކުރިން ވިލިއަމްގެ ޑޫކް އޮފް ކެމްބްރިޖްގެ މަގާމު ދެއްވިއިރު، 8 ސެޕްޓެމްބަރު 2022 ގައި ބައްޕަ ތަޚުތަށް އިސްވެވަޑައިގަތުމާއެކު ޑޫކް އޮފް ކޮރންވޯލް އަދި ޑޫކް އޮފް ރޮތެސޭ އަށް ވެވަޑައިގެންނެވިއެވެ.